ސުޕަ ކަޕް ރެއާލުން ކާމިޔާބުކޮށްފި
ބާސެލޯނާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކުރި ހޯދައި ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި އެވެ.
ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ކުޅުނު ސުޕަ ކަޕުގެ ފައިނަލުގެ 7 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ޖޫޑް ބެލިންހަމް ދިން ރީތި ޕާހަކުން ވިނީޝަސް މި ގޯލު ކާމިޔާބު ކުރީ ބާސާގެ ގޯލްކީޕަރު އިނާކީ ޕެނާ ކައިރިން ނައްޓާލުމަށްފަހު އެވެ. އަދި މެޗުގެ 10 ވަނަ މިނެޓްގައި ރޮޑްރިގޯ ދިން ޕާހަކުން ރެއާލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ވިނީޝަސް އެވެ.
މެޗުގެ 33 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީގެ ގޯލުން ބާސާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ 39 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ވިނީޝަސް ވަނީ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ޕެނަލްޓީ ރެއާލަށް ލިބުނީ ވިނީޝަސް އަށް ބާސާގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ ކުރި ފައުލަކާ ގުޅިގެންނެވެ.
ބާސާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 64 ވަނަ މިނެޓްގައި ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ. މެޗުގެ 71 ވަނަ މިނެޓްގައި ބާސާގެ ޑިފެންޑަރު އަރައުހޯ ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އަރައުހޯ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ވެސް ވިނީޝަސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މިއީ ރެއާލުން ސުޕަ ކަޕް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ބާސާ އިންނެވެ. އެއީ 14 ފަހަރެވެ.