ޔުނައިޓެޑް ވީ އެއްވަރު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ 21 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 32 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ޑެންމާކުގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ހޮއިލުންޑް ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ މަތީ ކަނަށެވެ. ޔުނައިޓެޑުން ލީޑު ނެގުމާއެކު ޓޮޓެންހަމުން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 19 ވަނަ މިނެޓްގައި ރިޗާލިސަން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ރިޗާލިސަން ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފު ނިމެންދަނިކޮށް މެޗުގެ 40 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް އަލުން ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ރޮޑްރިގޯ ބެންޓަންކޫރް ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ގޯލު ކާމިޔާބު ކުރަން ދެ ޓީމަށް ވެސް ލިބިފައިވަނީ މަދު ފުރުސަތުތަކެއް ކަމަށްވާއިރު އޭގެތެރެއިން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ މެކްޓޮމިނޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ވުލްވްސްއާ އެވެ. ޓޮޓެންހަމް ނިކުންނާނީ ބްރެންޓްފޯޑްއާ ދެކޮޅަށެވެ.