އިސްލާމިކް މިނިސްޓްރީގެ ހުރިހާ ދަރަންޏެއް ދައްކައިފި
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި އޮތް 27 މިލިޔަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ވަޒީރުންގެ ފުރަަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަހާ" ނަމުގައި ކުރިއަށްގެންދާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވެވަޑައިގެންނެވިއިރު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަރަނި 27 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ 2 ހަފްތާގެ ތެރޭގައި ދަރަނިދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، 27 މިލިޔަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާދެއްކުމާއެކު ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށާފައިވާކަމަށެވެ.
" ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި ފައިސާ ނުދައްކާ ހުރި ކުންފުނިތަކަށް ފައިސާ ދައްކަވާފައިވަނީ އެހެންކަމުން ހުއްޓިފައި ހުރި މަޝްރޫޢުތައް ފަށައިގަނެ ކުރިއަށްދާނެ . ލަސްތަކެއް ނުވެ އެތަންތަނުން ޚިދުމަތް ލިބޭނެ. " އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގައި 700 އެއްހާ މިސްކިތް ހުރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ މި ސަރުކާރުން މިސްކިތްތަކުގެ ކަންކަން ވަރަށް ގާތުން ބައްލަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހެއް އުފައްދަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އިސްލާމީ މަރުކަޒުތަކުގެ ހާލަތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތައް ހުރީ ވީރާނާވާން ކައިރިވެފައިކަމަށާއި، ނަމަވެސް މިވީ ކުރު މުއްދަތުގެ ތެރޭގައި އެތަންތަނުގައި އިލްމީ މަސައްކަތްތަކެއް ކުރެވޭ ފެންވަރުގެ ތަންތަނަށް ތަރައްޤީކޮށްފައިވާކަމަށެވެ.