ކޮރެއާ ބަލިކޮށް ޖޯޑަން ފައިނަލަށް
ވަރުގަދަ ދެކުނު ކޮރެއާ 2-0 އިން ބަލިކޮށް އޭޝިއަން ކަޕްގެ ފައިނަލަށް ޖޯޑަން ދަތުރުކޮށްފި އެވެ.
މިއީ އޭޝިއަން ކަޕްގެ ފައިނަލަށް ޖޯޑަން ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން މުބާރާތުގެ ކުއާޓާފައިނަލަށް ވުރެ ދުރަށް ޖޯޑަން އަށް ދެވިފައެއް ނުވެ އެވެ.
ޖަރުމަންގެ ކުރީގެ ފޯވަޑް ޔާގަން ކްލިންސްމަންގެ އިރުޝާދުގެ ދަށުން ކުޅުނު ކޮރެއާ އަކީ މުބަރާތުގެ އެންމެ ބޮޑު އެއް ފެވަރިޓެވެ. ކޮރެއާ އަށް މި މުބާރާތް އެންމެފަހުން ކާމިޔާބު ކުރެވުނީ 1960 ވަނަ އަހަރު އެވެ.
މި މެޗުގައި ކޮރެއާގެ ހުނަރުވެރި ޑިފެންޑަރު ކިމް މިން ޖޭ ސަސްޕެންޝަނުގެ ސަބަބުން ކުޅެފައި ނުވާއިރު، މި މެޗުގައި ޖޯޑަންގެ ކުރިއަށް ކުޅުނު ކުޅުންތެރިން ހިފެހެއްޓުމުގައި ކޮރެއާގެ ޑިފެންސްލައިނަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 53 ވަނަ މިނެޓްގައި ޔަޒާން އަލް ނައިމަތު ވަނީ ޖޯޑަން އަށް ލީޑު ނަގައިދީފަ އެވެ. މިއީ ކޮރެއާގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބު ކުރި ގޯލެކެވެ.
މެޗުގެ 66 ވަނަ މިނިޓުގައި ޖޯޑަންގެ ދެ ވަނަ ލަނޑު ޖެހީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ތަމާރީ އެވެ. ތަމާރީ މި ގޯލު ކާމިޔާބު ކުރީ ކޮރެއާގެ ޕެނަލްޓީއޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ޖޯޑަން އިން ފައިނަލުގައި ކުޅޭނީ އަނެއް ސެމީ ފައިނަލުގައި ގަތަރާއި އީރާން ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.