ޑޮމެއިން ނަމްބަރު ވިއްކަން ފަށަނީ
ވެހިކަލްތަކަށް ޑޮމެއިން ނަމްބަރު ވިއްކުން ކުރިން ވަރަސް ދޯހަޅިކޮށް އޮތް ނަމަވެސް އާ އުސޫލުތަކެއްގެ ތެރެއިން އަލުން ޑޮމެއިން ނަމްބަރު ބީލަން އުސޫލުން ވިއްކަން ވަރަށް އަވަހަށް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރޭ ސަންގު ޓީވީގައި އޭނަ ވިދާޅުވީ ޑޮމެއިން ވިއްކުމާ ގުޅޭ ވަރަށް ރަނގަޅު ޕްލޭނެއް ސަރުކާރުން މިހާރު އޮތީ ހަދާފައި ކަމަށެވެ. އެހެންވެ މި ހަފުތާގެ ތެރޭގައި އެ ޕްލޭން އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަމީން ވަނީ ޑޮމެއިން ނަންބަރުތަކުގެ ވެރި ފަރާތްތަކުގެ ޑޮކިއުމެންޓުތައް ވެރިފައިކޮށް، ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަނުގެ ޔަގީން ވެސް ދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ޑޮމެއިން ދޫކުރުން މެދުކަނޑާލާފައި އޮތް އޮތުން ކުރިއަށް އޮތް 40 ވަރަކަށް ދުވަހުގެ ތެރޭގައި އަލުން އިޔާދަކުރާނެ ކަމަށެވެ.އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ވިސްނުން މިހާރު ހުރީ އެކެއް، ދޭއް ތިނަކުން ފެށިގެން ގޮސް 10 އާ ހަމަޔަށް ނަންބަރު ދޫކޮށް، އަދި ނަން ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދޭ ގޮތަށް ޑޮމެއިންގެ ކަންކަން ކުިއަށް ގެންދަން ވިސްނުން ހުރި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ވަރަށް އޯޕަންކޮށް، އެކެއް ދޭކުން ފެށިގެން 10އާ ހަމަޔަށް ވެސް ހަމަ ޑޮމެއިން ދޫކުރަން. ނޫނިއްޔާ ހަމަ ނަން ޖަހާލަން ބޭނުންވާ ކަމަށް ވާންޏާ އެ ވެސް، އަޅުގަނޑު ސީދަ މި ގޮތަށް ނިންމި ވާހަކައެއް ނޫން މި ދެންނެވީ،" އަމީން ވިދާޅުވި އެވެ. "އެކަމކު އެގޮތަށް ވެސް ހެދޭނެއެއް ނޫންތޯ؟ ދުބާއީގަ ފެންނާނެ ނަން ޖަހާފައި. އެކަމު އެ އެއްޗިހީގެ ޕްރިމިއަމް ވެލިއު ވަރަށް ހައިވާނެ."