ނުރައްކާތެރި 46 ވަގުން މާލޭގައި ހަރަކާތްތެރިވޭ: އިހުސާން
މާލޭ ސަރަހައްދުގައި ނުރައްކާތެރި 46 ވަގެއް ހަރަކާއްތެރިވާކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މާލޭ ސަރަހައްދުގައި ނުރައްކާތެރި 46 ވަގުން ހަރަކާތްތެރިވާ ކަމަށާއި މި 46 މީހުންނާއި ފުލުހުން ވަނީ މިދިޔަ 6 މަސްދުވަހުގެ ތެރޭގައި 4000 ފަހަރު މުޢާމަލާތު ކޮށްފައިކަމަށެވެ.
އަދި މި 46 މީހުންގެ ތެރެއިން ކްރިޓިކަލް ކަމަށް ފެންނަ 21 މީހަކަށް ޓާގެޓްކޮށް އޭގެ ތެރެއިން 10 މީހަކު ފަރުވާ ދިނުމަށް ނެޝަނަލް ޑްރަގް އެޖެންސީއާއި ހަވާލުކޮށްފައިވާ ކަމަށާއި 4 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައިކަމަށާއި އަނެއް 7 މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ޕޮލިހުން ކުރަމުން ގެންދާކަމަށެވެ.
މިނިސްޓަރ އިހުސާން ފާހަގަކުރެއްވީ ކްރިޓިކަލް 21 މީހުންގެ އިތުރުން ބާކީ ތިބި 25 މީހުން ހޯދައި ހަމަމަގަށް އެޅުވުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށެވެ. ނަމަވެސް މިމަސައްކަތުގައި ޤާނޫނީ ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން ހައްޔަރުކުރެވޭ މީހުންނަށް ޤާނޫނީ ގޮތުން އެޅޭން ހުންނަ ފިޔަވަޅުތައް ހަނި ވުމާއި ކުށުގެ މާހައުލުން ވައްކަންކުރާ މީހާ ދުރުކުރުމަށް ފުލުހުން އެއްކޯޓުން އަނެއް ކޯޓަށް ހިނގަންޖެހޭ ހާލަތްތައްވެސް ދިމާވެފައި ހުރިކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިއަދު ބޭއްވުނު 241 ކޮމިޓީގައި މިނިސްޓަރ އިހުސާން ވަނީ މިނިސްޓްރީގެ މެންޑޭޓްގައިވާ ދާއިރާތަކާއި ބެހޭ ތަފްސީލީ ގިނަ މަޢުލޫމާތު ކޮމިޓީއާއި ހިއްސާކުރައްވާފައެވެ.