އެންވަޔަރަންމެންޓާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފި
ނެޝަނަލް ގްރީންހައުސްގޭސް އިންވެންޓަރީ ތައްޔާރުކުރުމަށްޓަކައި ޓްރާންސްޕޯޓް ދާއިރާގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް، އެންޑް އެނަރޖީއާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ ޠާރިޤު އިބްރާހީމް، އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ މުޙައްމަދު އަމީން އެވެ.
ނެޝަނަލް ގްރީންހައުސްގޭސް އިންވެންޓަރީ ތަކުން ޓްރާންސްޕޯޓް ދާއިރާއަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ގާތްގަނޑަކަށް 25 އިންސައްތަ ހިއްސާކުރާ ދާއިރާއެއްކަން ދެނެގަނެވިފައިވެއެވެ. ނަމަވެސް މި ދާއިރާއިން ބޭނުންވާ ތަފްސީލު މައުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމުގައި ގޮންޖެހުންތައް ހުރިކަންވަނީ ފާހަގަކުރެވިފައެވެ.
މިއަދު މި ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، ޕެރިސް އެގްރީމެންޓްގެ އެކުލަވާލަންޖެހޭ ބައިއެނިއެލް ޓްރާންސްޕޭރަންސީ ރިޕޯޓް (ބީ.ޓީ.އާރ) އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ފަދަ ރިޕޯޓުތައް އެކުލަވާލައި، އަދާހަމަ ކުރުމަށް ޓްރާންސްޕޯޓުގެ ދާއިރާއިން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން، ޓްރާންސްޕޯޓުގެ ދާއިރާއިން ލިބޭ މަޢުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ވެގެންދާނެއެވެ.
މިއީ "ކެޕޭސިޓީ ބިލްޑިން ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް" (ސީބީއައިޓީ މޯލްޑިވްސް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕްރޮޖެކްޓަކީ މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާއި ގުޅިގެން ގްލޯބަލް އެންވަޔަރަންމަން ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމަށާއި ޖައްވު ހޫނު ކުރާ ގޭސް ބޭރުކުރެވޭ މިންވަރު މަދުކޮށް ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އަދި ގިނަވެގެން 2 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް 2015ގައި ވަނީ ޕެރިސް ކުލައިމެޓު އެގްރީމެންޓް އެކުލަވާލަފައެވެ. މިއީ ރާއްޖެވެސް ބައިވެރިވެފައިވާ މުހިންމު އެއްބަސްވުމެކެވެ.
ޕެރިސް އެގްރީމެންޓްގައި ކޮންމެ ޤައުމަކުންވެސް ޖައްވަށް ދޫކުރާވިހަގޭހުގެ މަޢުލޫމާތާއި، ވިހަގޭސް ޖައްވަށްދޫކުރާވަރު މަދުކުރުމަށް ހިންގާ ތަފާތު މަޝްރޫއުތަކާއި ބެހޭ މަޢުލޫމާތާއި، އެޑެޕްޓޭޝަންގެ ދާއިރާތަކުން ހިންގާ މަޝްރޫއު ތަކުގެ މަޢުލޫމާތާއި، މިފަދަ މަޝްރޫއުތަކަށް ހޭދަކުރާ އަދި އިންވެސްޓު ކުރާވަރާވަރާބެހޭ މަޢުލޫމާތު އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްއަށް ރިޕޯޓުކުރުމަށް ކަނޑައަޅާފައިވެއެވެ.