ސްލޮވޭނިއާ އަތުން ނޯވޭ މޮޅުވި އިރު ހަލާންޑްގެ ރެކޯޑެއް
ޔުއެފާ ނޭޝަންސް ލީގުގައި ސްލޮވޭނިއާ އަތުން 3-0 ގެ ނަތީޖާއަކުން ނޯވޭ މޮޅުވިއިރު، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު އިތުބާރު ފޯވާޑް އާލިން ހާލަންޑް ގާއިމުކޮށްފިއެވެ.
މި މެޗުގައި ނޯވޭއަށް ހާލަންޑް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 34 އަށް އަރާފަ އެވެ. މީގެ ކުރިން ނޯވޭގެ ގައުމީ ޓީމަށް އެންމެ ގިނައިން ލަނޑު ޖަހާފައިވަވަނީ 1920 އާއި 1930 ގެ އަހަރު ތަކުގައި ކުޅުނު ޖޯގެން ޔުވޭ އެވެ. އޭނާ އަށް ޖެހިފައިވަނީ 33 ލަނޑެވެ.
އުމުރުން 24 އަހަރުގެ ހާލަންޑް އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެފައިވަނީ 2019 ވަނަ އަހަރު އެވެ. އޭނާ 34 ލަނޑު ގައުމީ ޓީމަށް ޖަހާފައިވަނީ 36 މެޗުންނެވެ.
ހާލަންޑް ހަދާފައިވާ އެހެން ރެކޯޑްތަކަށް ބަލާއިރު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 35 މެޗުން 40 ގޯލު ޖަހާފަ އެވެ. އަދި 2022-23 ގެ ސީޒަނުގައި އޭނާ ވަނީ މެންޗެސްޓަރ ސިޓީއަށް 36 ގޯލު ކާމިޔާބުކޮށްދީ ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް ހޯދާފަ އެވެ.
ނޯވޭގައި ކުޅުނު މި މެޗުގެ 7 ވަނަ މިނިޓުގައި ހާލަންޑް ވަނީ ސްލޮވޭނިއާގެ ގޯލު ހުޅުވާލާފަ އެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތް ވަނަ މިނިޓުގައި ސޯލޮތް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ނޯވޭ އިން ޖެހި ތިންވަނަ ލަނޑު އަދި ހާލަންޑް ރެކޯޑް މުގުރާލި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން މާޓިން އޮޑެގާޑް މި މެޗުގައި ކުޅެފައިނުވާތީ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅެފައިވަނީ ހާލަންޑް އެވެ.