މެންޗެސްޓަރ ސިޓީއަށް ފަސޭހަ މޮޅެއް
ފީފާ ކްލަބް ވޯލްޑް ކަޕްގައި މެންޗެސްޓަރ ސިޓީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމުން މޮޅުވެއްޖެ އެވެ.
އެމެރިކާގެ ފިލަޑެލްފިއާގައި މޮރޮކޯގެ ވިދާދް ކަސަބްލަންކާ އާއި ދެކޮޅަށް ކުޅުނު މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމާއި ދާދި ފަހުން ގުޅުނު ހަޔާން ޗާކީ އާއި ތިޖާނީ ރޭންޑާރސް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ.
ލިންކޮން ފައިނޭންޝަލް ފީލްޑްގައި ތިރީސް ހަތް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ޖެރެމީ ޑޯކޫ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުމާއި ދުރުގައި އެތައް ދުވަހެއް ހޭދަކޮށްފައިވާ ރޮޑްރީ މި މެޗުގެ ދެވަނަ ހާފުގައި ގަޑިއޯލާ ވަނީ ކުޅެން އަރުވާފަ އެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް މެންޗެސްޓަރ ސިޓީގެ ރިކޯ ވިލިއަމްސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.