އިޒްރޭލު ބަލިކޮށް އިޓަލީ ކުއާޓާއާ ގާތަށް
އިޒްރޭލު 4-1 އިން ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާފައިނަލާ ގާތަށް އިޓަލީ ޖެހިލައިފި އެވެ.
މި މޮޅާއެކު އިޓަލީ އޮތީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ދެވަނައިގައި 9 ޕޮއިންޓާ އެކު ފްރާންސް އޮތްއިރު ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ބެލްޖިއަމް އެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އިޒްރޭލެވެ.
ގްރޫޕް ސްޓޭޖުގައި ބާކީ ދެން ކޮންމެ ޓީމަކަށް ވެސް އޮތީ ދެ މެޗު ކަމަށްވާއިރު، ކުއާޓާފައިނަލުން ޖާގައެއް ކަށަވަރު ކުރަން އިޓަލީ އަށް މިހާރު ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އިޓަލީން ކާމިޔާބު ކުރި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޑި ލޮރެންޒޯ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ މަޓެއޯ ރެޓަގުއި އާއި ޑޭވިޑޭ ފްރަޓޭސީ އެވެ. އިޒްރޭލުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އަބޫ ފާނީ އެވެ.
މި ގްރޫޕްގައި ރޭ ފްރާންސުން ވަނީ ބެލްޖިއަމް 2-1 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ފްރާންސްގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ރަންޑަލް ކޯލޯ މުއާނީ އެވެ. ބެލްޖިއަމްގެ ގޯލު ކާމިޔާބުކޮށްދިނީ ލުއިސް އޮޕެންޑާ އެވެ.