ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އެކުލަވާލަނީ
ރާއްޖޭގައި ޓެކްސީ ޚިދުމަތް ދެމުން އަންނަ ޑްރައިވަރުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިގޮތަށް ރައީސް ނިންމަވާފައިވަނީ މިދިޔަ ހަފުތާގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޡިމް އިބްރާހީމް ވިދާޅުވީ، ދާއިމީ ގޮތެއްގައި ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދުމަށް ރަސްމީ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އޭގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލޯނަށް އެދުމާއި މުއައްސަސާތައް އާމުދަނީގެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޡިމް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުންނަކީވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ. އެ ދަފުތަރު އެކުލަވައިލާނީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި ކަމަށްވެސް ވިދާޅުވިއެވެ.