ސްކޫލްތަކުގެ މަރާމާތަށް 30 މިލިޔަން ރުފިޔާ ހަމަޖައްސައިފި
ސްކޫލްތަކުގެ މަރާމާތަށް 30 މިލިޔަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިދިޔަ އަހަރު އައު ސްކޫލްތައް އިމާރާތް ކުރުމަށް ބަޖެޓް ހަމަޖެހިފައި އޮތްނަމަވެސް މަރާމާތު ކުރުމުގެ މަސައްކަތަށް އެކަށީގެންވާ ބަޖަޓެއް ނެތްކަމަށާއި އޭގެ ސަބަބުން މަރާމާތު ކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ވަރަށް ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.
ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވީ ސްކޫލްތަކުގެ މަރާތަށް ބޭނުންވާ 30 މިލިޔަން ރުފިޔާ ހަމަޖެހިފައިވާކަމަށެވެ. އަދި ސްކޫލްތަކުގައި ކުރަން ހުރި މަރާމާތުތައް ދެނެގަތުމަށްފަހު މަރާމާތު ކުރަން ޖެހޭ ސްކޫލްތަކަށް ފައިސާ ކަނޑައަޅާ އެމަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަރާމާތުގެ މަސައްކަތް ކުރުމަށްޓަކައި ހުރިހާ ސްކޫލެއްގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރެއްވި ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ސްކޫލުގައި ރައްކާތެރިކަމާއި ހިތްހަމަ ޖެހުމާއެކު ކިޔެވުމަށް ބޭނުންވާނެ ފަދަ ކަމެއް ނެތިފައި އޮތްނަމަ އެކަމެއް ހައްލުކުރުމަށްކަމަށެވެ.
"މަރާމާތުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ސްކޫލްތަކަށް ހަމަޖެހުމުން އެކަށީގެންވާ ބާރު މިނެއްގައި ސްކޫލްތަކުގައި މަރާމާތުގެ މަސައްކަތްތައް ފެށިގެން ދާނެ. މިސާލަކަށް ފުރާޅު ހަލާކުވެ ކްލާސްރޫމަށް ވާރޭވެހޭ ކަމުގައި ވަނީނަމަ އެކަން ހައްލުކުރުމަށް އިސްކަން ދޭނެ. ކުޑަދޮރުތައް ހަލާކުވެފައި ހުރިނަމަ އެ ރަނގަޅު ކުރުމަށް އިސްކަން ދޭނެ. ފަންކާފަދަ ވަޞީލަތްތައް ހަލާކުވެފައި ހުރިނަމަ އެކަމަށް އިސްކަން ދޭނެ." ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.