ބޮކާ ޖޫނިއަރސް އާއި ބެންފީކާ އެއްވަރު
ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ އާޖެންޓީނާގެ ބޮކާ ޖޫނިއަރސް އާއި ބެންފީކާ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
އެމެރިކާގެ މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ވަނީ ޖުމްލަ ތިން ރަތް ކާޑު ފެނިގެންގޮސްފަ އެވެ. އޭގެ ތެރެއިން ދެ ރަތް ކާޑު ބޮކާ ޖޫނިއަރސްގެ ދެ ކުޅުންތެރިއަކަށް ވަނީ ދައްކާފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 21 ވަނަ މިނިޓުގައި ބޮކާ ޖޫނިއަރސްގެ މިގުއެލް މެރެންޓިއެލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަ މިނިޓު ފަހުން ރޮޑްރިގޯ ބަޓަގްލިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ބޮކާ ޖޫނިއަރސްގެ އެންޑާރ ހެރޭރާ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ބެންފީކާ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަނޑެއް ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާޖެންޓީނާގެ ފޯވަޑް އެންހަލް ޑިމާރިޔާ އެވެ.
މި މެޗުގެ 72 ވަނަ މިނިޓުގައި ބެންފީކާގެ އެންޑްރިއާ ބެލޯޓީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ވީޑިއޯ ބެލުމަށްފަހު އޭނާއަށް ރަތް ކާޑު ދައްކާފަ އެވެ.
ބެންފީކާ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ކޯނަރެއް ކޯކްޗޫ ނަގައިދިން ވަގުތު ނިކޮލަސް އޮޓަމެންޑީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ބޮކާ ޖޫނިއަރސްގެ ނިކޮލަސް ފިގަލް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށްވެސް ރަތް ކާޑު ދައްކާފަ އެވެ.